4. އައްނިސާ - ކޯރަން
- 1. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ.
- 2. يتيم ންނަށް (އެކުދިން تصرّف ފުދިއްޖެނަމަ) އެކުދިންގެ މުދާތައް ތިޔަބައިމީހުން ދޭށެވެ! އަދި، އޭގެތެރެއިން މޮޅުތަކެއްޗަށް ދެރަތަކެތި ބަދަލުކޮށް ނަހަދާށެވެ! އަދި، އެކުދިންގެ މުދާތައް، ތިޔަބައިމީހުންގެ މުދަލާއެކު ބޭނުންކޮށް، ކައި ނޫޅޭށެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ފާފައެއް ކަމުގައި އެކަންތައްވިއެވެ.
- 3. يتيم ންނާމެދު، عدل ވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ يتيم އަންހެން ކުދިންނާ ކާވެނިކުރުމުގައި، عدل ވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.
- 4. އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، حلال ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!
- 5. އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ خرد ކޮށް، إسراف ކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިޔަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ!