ތާހާ - ޤުރުއާން - ހާރޫން ޔަހްޔާ އެވެ
-
1. ط هـ (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
-
2. ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ.
-
3. (اللَّه އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ قرآن ބާވައެއް ނުލައްވަމެވެ.)
-
4. ބިމާއި، އުސްވެގެންވާ އުޑުތައް ހެއްދެވި ރަސްކަލާނގެ حضرة ން ބާވައިލެއްވި وحى އެކެވެ.
-
5. رحمن ވަންތަ ރަސްކަލާނގެ، عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ.
-
6. އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެއްޗާއި، އެދެމެދުގައިވާހާ ތަކެއްޗާއި، ފަސްގަނޑު ދަށުގައިވާހާ ތަކެއްޗެއް، މިލްކުވެގެންވަނީ އެކަލާނގެއަށެވެ.
-
7. ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
-
8. اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި اسم ފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ.
-
9. موسى ގެފާނުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
-
10. އެކަލޭގެފާނަށް އަލިފާންގަނޑެއް ފެނިވަޑައިގެންނެވިހިނދެވެ. ފަހެ، އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާނގައި ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. (އަހުރެން މިދަނީ) އެތަނުން ތިޔަބައިމީހުންނަށް ހުޅުކޮޅެއް ގެނެސްދެވޭތޯއެވެ. ނުވަތަ އެ އަލިފާންގަނޑުގެ ކައިރިން، އަހުރެންނަށް ކޮންމެވެސް މަގެއް ފެނޭތޯއެވެ.
-
11. ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ނިދާ އިއްވެވިއެވެ. އޭ موسى ގެފާނެވެ!
-
12. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިޔަހުންނެވީ، طوى އޭ ކިއުނު مقدّس وادى ގައެވެ.
-
13. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ وحى އަށް ކަނުލައި އައްސަވާށެވެ!
-
14. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!
-
15. ހަމަކަށަވަރުން، قيامة ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. ތިމަންރަސްކަލާނގެ އެވަގުތު ވަންހަނާ ކުރެއްވުމަށް އިރާދަކުރައްވާފައިވަނީ، ކޮންމެ نفس އަކަށްވެސް، އެ نفس އެއް ކުޅަ عمل ގެ ޖަޒާ ލިބުމަށްޓަކައެވެ.
-
16. ފަހެ، އެދުވަހަށް إيمان ނުވެ، އޭނާގެ هوى نفس އަށް تبع ވެއްޖެމީހާ، ހަމަކަށަވަރުން، އެކަމުން (އެބަހީ: قيامة ދުވަސް ހަނދުމަކުރެއްވުމުން) ކަލޭގެފާނު ދުރުކުރިޔަ ނުދޭހުށިކަމެވެ! އޭރުން ކަލޭގެފާނު ހަލާކުވެދާ ހުށްޓެވެ.
-
17. އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި އެވަނީ ކޮންއެއްޗެއްތޯއެވެ؟
-
18. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަޅުގެ އަސާއެވެ. އޭގެމައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައްވެސް މިއަޅާއަށް އޭގައިވެއެވެ.
-
19. އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! އެ އަސާ އެއްލަވާށެވެ!
-
20. ފަހެ، އެކަލޭގެފާނު އެ އަސާ އެއްލެވިއެވެ. ދެން އެހާރުން، ދުވެދުވެއޮތް ހަރުފައަކަށް ވެއްޖެއެވެ.
-
21. އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނު އެ އަސާގައި ހިއްޕަވާށެވެ! އަދި ބިރުފުޅުނުގަންނާށެވެ! އެ އަސާ، ކުރިން އޮތްގޮތަށް ތިމަންރަސްކަލާނގެ إعادة ކުރައްވާހުށީމެވެ.
-
22. އަދި ކަލޭގެފާނުގެ ކިހިލިފަތްޕުޅުދަށަށް ކަލޭގެފާނުގެ އަތްތިލަފުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްނެތި، ހުދުކޮށް (ވިދަވިދައި އޮންނަގޮތުގައި) އެ އަތްތިލަފުޅު ނުކުންނާނެއެވެ. (އެއީ) އެހެން معجزات އެއްގެ ގޮތުގައެވެ.
-
23. ތިމަންރަސްކަލާނގެ ބޮޑެތި معجزات ތަކުގެ ތެރެއިން ބައެއް، ކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ.
-
24. فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.
-
25. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!
-
26. އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!
-
27. އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)
-
28. އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ.
-
29. އަދި ތިމަންކަލޭގެފާނުގެ أهل ވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ!
-
30. (އެއީ) ތިމަންކަލޭގެފާނުގެ أخ هارون ގެފާނެވެ.
-
31. އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ!
-
32. އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: رسول ކަމާއި، އެކަން تبليغ ކުރެއްވުމުގެ مسئولية ގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!
-
33. އަޅަމެން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيح ދެންނެވުމަށްޓަކައެވެ.
-
34. އަދި ގިނަގިނައިން އަޅަމެން އިބަރަސްކަލާނގެ ހަނދުމަކުޅައުމަށްޓަކައެވެ.
-
35. ހަމަކަށަވަރުން، އަޅަމެންނާމެދު މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި އިބަރަސްކަލާނގެ ވޮޑިގެންވަމުއެވެ.
-
36. އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ދެއްވައިފިއެވެ.
-
37. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް އެހެންފަހަރަކު ދަރުވަމަންތަވެ ވޮޑިގެންވީމެވެ.
-
38. إلهام ކުރައްވާ އެއްޗެއް ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މަންމާއަށް إلهام ކުރެއްވިހިނދެވެ.
-
39. ފޮށީގެ ތެރެޔަށް އެ ދަރިކަލުން ލައްވާށެވެ! އަދި (نيل) ކޯރުގެ ތެރެޔަށް އެ ފޮށި އެއްލައިލައްވާށެވެ! ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެތެވެ. (އޭރުން) ތިމަންރަސްކަލާނގެ عدوّ، އަދި އެ ދަރިކަލުންގެވެސް عدوّ އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ حضرة ން ލޯބިލެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ.
-
40. ކަލޭގެފާނުގެ أخت ވަޑައިގެން ވިދާޅުވި ހިނދެވެ. (ކިރުފޮދު އަރުވައި) އެ ދަރިކަލުން ބެލެހެއްޓުމަށް حوال ވާނެ މީހަކު، ތިޔަބައިމީހުންނަށް ތިމަންދައްކަން ހެއްޔެވެ؟ ފަހެ، (މިގޮތުން) ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައިކަމަނާގެ އަރިހަށް ކަލޭގެފާނު އަނބުރާ ގެންދެވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصل ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަނުކުރެއްވުމަށްޓަކައެވެ. އަދި ކަލޭގެފާނު މީހަކު قتل ކުރެއްވުމުން ލިބިވަޑައިގެންނެވި ހިތާމަފުޅުން ތިމަންރަސްކަލާނގެ ކަލޭގެފާނު މިންޖުކުރެއްވީމެވެ. އަދި ކަލޭގެފާނު ފުރިހަމަޔަށް امتحان ކުރެއްވީމެވެ. އޭ موسى ގެފާނެވެ! مدين ގެ أهل ވެރިންގެ ތެރޭގައި އަހަރުތަކެއް ވަންދެން ކަލޭގެފާނު ހުންނެވީމުއެވެ. ދެން މިންވަރު ކުރައްވާފައިވާ ގޮތުގެމަތިން (މިތަނަށް) ކަލޭގެފާނު ތިޔަވަޑައިގަތީއެވެ.
-
41. އަދި ތިމަންރަސްކަލާނގެއަށްޓަކައި (އެބަހީ: وحى އާއި رسالة تبليغ ކުރެއްވުމަށްޓަކައި) ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރެއްވީމެވެ.
-
42. ތިމަންރަސްކަލާނގެ آية ތަކާއިގެން ކަލޭގެފާނާއި، ކަލޭގެފާނުގެ أخ ވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމުގައި، ތިޔަ ދެބޭކަލުން ފަރުވާކުޑަ ނުކުރައްވާށެވެ!
-
43. فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ.
-
44. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.
-
45. އެ ދެބޭކަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އޭނާ އަޅަމެންގެ މައްޗަށް (عقوبات ދިނުމަށް) އަވަސްވެގަނެ، ނުވަތަ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައިދާނެކަމަށް، ހަމަކަށަވަރުން، އަޅަމެން ބިރުގަނެތެވެ.
-
46. އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ حال، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.
-
47. ފަހެ، ތިޔަ ދެބޭކަލުން އޭނާގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ކަލޭގެ ވެރިރަސްކަލާނގެ ފޮނުއްވި ދެ رسول ންނެވެ. ފަހެ، ތިމަންމެންނާ އެކުގައި إسرآءيل ގެދަރިން ފޮނުވާށެވެ! އަދި އެއުރެންނަށް ކަލޭ عذاب ނުދޭށެވެ! ހަމަކަށަވަރުން، ކަލޭގެގާތަށް ތިމަންމެން މިއައީ، ކަލޭގެ ވެރިރަސްކަލާނގެ حضرة ންވާ، معجزة އަކާއިގެންނެވެ. ތެދުމަގަށް تبع ވެއްޖެ މީހަކަށް ސަލާމަތްކަން ހުށްޓެވެ.
-
48. ހަމަކަށަވަރުން (اللَّه ގެ رسالة) ދޮގުކޮށް، އެނބުރި ފުރަގަސްދިން މީހެއްގެ މައްޗަށް، ހަމަކަށަވަރުން، عذاب ހުރިކަމަށް ތިމަންމެންނަށް وحى ކުރައްވާފައިވެއެވެ.
-
49. އޭނާ ބުންޏެވެ. އޭ موسى ގެފާނެވެ! ތިޔަ ދެބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟
-
50. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعة ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.
-
51. އޭނާ ބުންޏެވެ. އިހުގެ جيل ތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ، ކޮބައިހެއްޔެވެ؟
-
52. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމުގެ علم ވަނީ، ތިމަންގެ ވެރިރަސްކަލާނގެ حضرة ގައި ލިޔުއްވާފައެވެ. ތިމަންގެ ވެރިރަސްކަލާނގެއަށް އޮޅިވޮޑިއެއް ނުގަންނަވަތެވެ. އަދި އެކަލާނގެ ހަނދުމަނެތިވެވޮޑިއެއްވެސް ނުގަންނަވަތެވެ.
-
53. އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި، ބިންލެއްވި ރަސްކަލާނގެއެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ދެއްކެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ފެންވެއްސެވިއެވެ. ދެން އެ ފެނުގެ ސަބަބުން، ތިމަންރަސްކަލާނގެ ފަތްޕިލާވެލީގެ ތަފާތު ބާވަތްތައް ނެރުއްވީމެވެ.
-
54. ތިޔަބައިމީހުން ކާށެވެ! އަދި ތިޔަބައިމީހުންގެ نعم ސޫފިތަކަށް ކާންދީ ހުއިހައްޕާށެވެ! ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ أهل ވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
-
55. ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ إعادة ކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ.
-
56. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް ތިމަންރަސްކަލާނގެ ހުރިހާ آية ތަކެއް ދެއްކެވީމެވެ. ފަހެ، އޭނާ އެ آية ތައް ދޮގުކޮށް (إيمان ނުވެ) އެކަމުން މަނާވެގަތެވެ.
-
57. އޭނާ ބުންޏެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު ތިމަންމެންގާތަށް ތިޔަވަޑައިގަތީ، ކަލޭގެފާނުގެ ޖާދޫގެ ބާރުން ތިމަންމެންގެ ބިމުން ތިމަންމެން ނެރުއްވުމަށްޓަކައިތޯއެވެ؟
-
58. ފަހެ، ހަމަކަށަވަރުން، އެފަދަ ޖާދޫއެއް ކަލޭގެފާނަށް ތިމަންމެންވެސް ގެންނަހުށީމެވެ. ފަހެ، ތިމަންމެންވެސް އަދި ކަލޭގެފާނުވެސް އެއްބަސްވެ ހަމަހަމަވެގެންވާ ތަނެއްގެގޮތުން އެ موعد އަކާ خلاف ނުވާނެ موعد އެއް ތިމަންމެންނާއި، ކަލޭގެފާނާ ދެމެދު ކަނޑައަޅުއްވާށެވެ!
-
59. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ موعد އަކީ ޒީނަތްތެރިކަމުގެ (عيد) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ.
-
60. ދެން فرعون އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ حيلة ތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށްފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ.
-
61. موسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. اللَّه އާމެދު ތިޔަބައިމީހުން ހަދައިގެން ދޮގުނުބުނާށެވެ! ފަހެ، اللَّه ގެ عذاب ގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެތެވެ. އަދި ހަމަކަށަވަރުން (اللَّه އާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުށްޓެވެ.
-
62. ދެން އެއުރެންގެ ކަންތަކާމެދު (އެބަހީ: موسى ގެފާނާމެދު) އެއުރެންގެ މެދުގައި خلاف ވެ ދެކޮޅުވެރިވެއްޖައޫއެވެ. އަދި އެއުރެންކުޅަ ސައްލާތައް (މީސްތަކުންނަށް) އެއުރެން ސިއްރުކޮށްފޫއެވެ.
-
63. އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ދެ ޖާދޫގަރުންކަން ކަށަވަރެވެ. އެ ދެމީހުން އެދެނީ، އެ ދެމީހުންގެ ޖާދޫގެބާރުން ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލުމަށެވެ. އަދި ތިޔަބައިމީހުންގެ ދެވަނައެއްނެތް މޮޅު دين އާއި ގޮތް، ނެތިކޮށްލުމަށެވެ.
-
64. ފަހެ، ތިޔަބައިމީހުންގެ ރޭވުންތައް މޮޅަށް ރާވާށެވެ! ދެން ތިޔަބައިމީހުން (ޖާދޫގަރުންނާއި عام ންގެ މީހުން) ސަފަކަށްތިބެ އަންނާށެވެ! ހަމަކަށަވަރުން، މިއަދު މޮޅުވެ، މަތިވެރިވި މީހަކަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ.
-
65. އެއުރެން ބުނެފޫއެވެ. އޭ موسى ގެފާނެވެ! އެހެންވިއްޔާ ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެންނޫނިއްޔާ ފުރަތަމަ އެއްލާމީހުން ކަމުގައިވާނީ ތިމަންމެންތޯއެވެ؟
-
66. އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލިހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.
-
67. ފަހެ، موسى ގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ.
-
68. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބުލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ.
-
69. އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ.
-
70. ފަހެ، ޖާދޫގަރުން سجدة އަށް ތިރިވޫއެވެ. އެއުރެން ބުނޫއެވެ. هارون ގެފާނާއި، موسى ގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ.
-
71. އޭނާ (އެބަހީ: فرعون) ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރިން، އޭނާޔަށް (އެބަހީ: موسى ގެފާނަށް) ތިޔަބައިމީހުން إيمان ވީ ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން صليب އަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު عذاب އެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ.
-
72. އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ.
-
73. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް مجبور ކުޅަ ޖާދޫއާމެދު، ތިމަންމެންނަށް (عفو ކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި اللَّه އީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.
-
74. ހަމަކަށަވަރުން، އެމީހެއްގެ ވެރިރަސްކަލާނގެ حضرة އަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ ނަރަކަޔެވެ. އެތާނގައި އޭނާ މަރެއް ނުވާނެތެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ.
-
75. އަދި ހަމަކަށަވަރުން، مؤمن އެއްގެ ގޮތުގައި، صالح عمل ތައްކޮށް، އެކަލާނގެ حضرة އަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް (آخرة ގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ.
-
76. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރި عدن އޭ ކިއުނު ސުވަރުގެތަކެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) طاهر ވެގަތް މީހާގެ ޖަޒާއެވެ.
-
77. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑުގައި ހިންގަވައި (مصر ގެ ބިމުން) ނުކުމެވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް ކަނޑުގައި ހިކިފައިވާ މަގެއް ހައްދަވާށެވެ! (فرعون ގެ لشكر) އަތުލައިގެންފާނެތީ، ބިރުފުޅުނުގެން ހުންނަވާ حال ގައެވެ. އަދި (ކަނޑުގައި غرق ވެދާނެތީވެސް) ބިރުފުޅުނުގެން ހުންނަވާ حال ގައެވެ.
-
78. ފަހެ، فرعون އޭނާގެ لشكر އާއިގެން އެއުރެންގެ ފަހަތުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު އެ لشكر އެކަށް ފޮރުވާލައި ނިވާކޮށްލައިފިއެވެ.
-
79. فرعون އޭނާގެ قوم ގެމީހުން މަގުފުރެއްދިއެވެ. އަދި އޭނާ (އެއުރެންނަކަށް) ތެދުމަގެއްވެސް ނުދެއްކިއެވެ.
-
80. އޭ إسرآءيل ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عدوّ ންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ: موسى ގެފާނަށް) طور ފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) ميعاد އެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. (ނޯޓު: منّ އަކީ ބަޔެއް مفسّر ން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި مفسّر ން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. سلوى އަކީ ބާވަތެއްގެ ދޫންޏެކެވެ.)
-
81. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ.
-
82. توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.
-
83. އޭ موسى ގެފާނެވެ! ކަލޭގެފާނުގެ قوم ގެމީހުންނަށްވުރެން އަވަސްވެވަޑައިގެން ވަޑައިގަންނަވަންޖެހުނީ ކީއްވެގެންތޯއެވެ؟
-
84. އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة އަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ.
-
85. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަހުގައި، ކަލޭގެފާނުގެ قوم ގެމީހުން امتحان ކުރެއްވީމެވެ. އަދި السّامرىّ (އޭ ކިއުނު މީހަކު) އެއުރެން މަގުފުރެއްދިއެވެ.
-
86. ފަހެ، موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް ރަނގަޅު وعد އަކުން وعد އެއް ނުކުރައްވާހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ މައްޗަށް ޒަމާން ދިގުވެގެން ދިޔައީހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ކޯފާއެއް އައުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ އެހެނީ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކުރި وعد އާ خلاف ވެއްޖައީމުއެވެ.
-
87. އެއުރެން ދެންނެވޫއެވެ. ތިމަންމެން އަމިއްލަ اختيار އަކުން ކަލޭގެފާނަށް ކުޅަ وعد އަކާ خلاف އެއް ނުވަމުއެވެ. އެހެނެއްކަމަކު، قوم ގެމީހުންގެ ގަހަނާތަކުން ބުރަތަކެއް ތިމަންމެންނަށް އުފުލާން ޖެހުނީއެވެ. ފަހެ، ތިމަންމެން އެ ގަހަނާތައް (އަލިފާންގަނޑަށް) އުކީމުއެވެ. ހަމައެފަދައިން السّامرىّ ވެސް އުކިއެވެ.
-
88. ފަހެ، އޭނާ އެއުރެންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ، އެއުރެން ބުނޫއެވެ. މިއީ ތިޔަބައިމީހުންގެ إله އެވެ. އަދި موسى ގެފާނުގެވެސް إله އެވެ. (އެކަން އެންގެވުމަށް) موسى ގެފާނު ހަނދުމަފުޅު ނެތުނީއެވެ.
-
89. ފަހެ، އެ ބުދު އެއުރެންނަށް ޖަވާބެއް ނުދޭކަމާއި، އެއުރެންނަށް ގެއްލުމެއް، އަދި މަންފާއެއް ދިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟
-
90. ހަމަކަށަވަރުން، މީގެކުރިން هارون ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން امتحان ކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، رحمن ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تبع ވާށެވެ! އަދި ތިމަންކަލޭގެފާނުގެ أمر އަށް ކިޔަމަންވާށެވެ!
-
91. އެއުރެން ދެންނެވޫއެވެ. موسى ގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ.
-
92. އެއުރެން ދެންނެވޫއެވެ. موسى ގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ.
-
93. އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އޭ هارون ގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތްހިނދު، ތިމަންކަލޭގެފާނަށް تبع ވެ، ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ أمر އަށް ކަލޭގެފާނު އުރެދިވަޑައިގަތީތޯއެވެ؟
-
94. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މަންމާގެ ދަރިކަލުންނޭވެ! ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ! ހަމަކަށަވަރުން، إسرآءيل ގެދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. އަދި ތިމަންގެ ބަހަކަށް ކަލޭގެފާނު انتظار އެއް ނުކުރައްވަމުއެވެ.
-
95. އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އޭ سامرى އެވެ! ފަހެ، ކަލޭ އެގޮތަށް ކަންތައްކުރަންޖެހުނީ ކީއްވެގެންހެއްޔެވެ؟
-
96. އެކަލޭގެ ދެންނެވިއެވެ. އެއުރެން ނުދެކޭ އެއްޗެއް ތިމަންނާ ދުށީމެވެ. ފަހެ، ފޮނުއްވާފައިވާ ملائكة އާގެ (އެބަހީ: جبريل ގެފާނުގެ އަސްކޮޅުގެ) ފިޔަވަޅު ޖެހުނުތަނުން ފަސްމުށެއް ނެގީމެވެ. އަދި އެ ފަސްމުށް (އެ ގެރީގެ މައްޗަށް) އެއްލީމެވެ. ތިމަންގެ نفس ތިމަންނައަށް ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ.
-
97. އެކަލޭގެފާނު ވިދާޅުވިއެވެ! ފަހެ، ދާންއުޅޭށެވެ! ފަހެ، ހަމަކަށަވަރުން، (ދުނިޔޭގެ) حياة ގައި ކަލެޔަށްއޮތީ (އެއްވެސް މީހެއްގައި) ބީހުމެއްނެތޭ ބުނުމެވެ. އަދި ހަމަކަށަވަރުން (آخرة ގައި) خلاف ނުވެވޭނެ موعد އެއް ކަލެޔަށް ވެއެވެ. އަދި ކަލޭ، އެއަށް އަޅުކަންކުރުންމަތީ ދެމިހުރި، ކަލޭގެ إله އަށް ބަލާށެވެ! ހަމަށަވަރުން، ތިމަންކަލޭގެފާނު އޭތި އަންދައިލައްވާހުށީމެވެ. އަދި ހަމަކަށަވަރުން، ކަނޑުތެރެޔަށް އޭގެ އަޅިތައް ބުރުއްސައިލައްވާހުށީމެވެ.
-
98. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله އަކީ اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެ علم ފުޅު ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.
-
99. އިސްވެދިޔަ أمّة ތަކުގެ خبر ތަކުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް قرآن ދެއްވީމެވެ.
-
100. އެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކު قيامة ދުވަހުން ބުރަދަންހުރި ފާފައެއް އުފުލާހުށްޓެވެ.
-
101. އޭގެ عذاب ގައި އެއުރެން ދެމިތިބޭ حال ގައެވެ. އަދި قيامة ދުވަހުން އެއުރެން އުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ!
-
102. ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ حال، محشر އަށް ފޮނުއްވާހުށީމެވެ.
-
103. އެއުރެންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ސިއްރު ވާހަކަ ދައްކަމުން ބުނާނެތެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) ދިހަ ދުވަހު މެނުވީ ނުތިބެމުއެވެ.
-
104. އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އެއުރެންކުރެ އެންމެ ރަނގަޅުގޮތަށް ވިސްނިމީހާ ބުނިހިނދެވެ. ތިޔަބައިމީހުން އެންމެ ދުވަހަކު މެނުވީ ނުތިބެމުއެވެ.
-
105. އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ.
-
106. ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ.
-
107. އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ.
-
108. އެދުވަހުން ގޮވައިލާމީހާއަށް އެއުރެން تبع ވާނެތެވެ. އެކަމަށް އެއްވެސް ގުދުކަމެއްނެތެވެ. އަދި رحمن ވަންތަ ރަސްކަލާނގެއަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެތެވެ.
-
109. رحمن ވަންތަ ރަސްކަލާނގެ އެމީހަކަށް إذن ދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެދުވަހުން شفاعة ތެރިވުމުގެ މަންފާއެއް ނުކުރާނެތެވެ.
-
110. އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއުރެންނަކަށް އެކަންތައްތަކެއް އެނގިގެނެއް ނުވެތެވެ.
-
111. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެވޮޑިގެންވާ ރަސްކަލާނގެއަށްޓަކައި، މޫނުތައް ދެރަވެ ނިކަމެތިވެއްޖެއެވެ. އަދި (شرك ގެ) އަނިޔާވެރިކަން އުފުލައިގެން އަންނަމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
-
112. އަދި مؤمن އަކު ކަމުގައިވާ حال، صالح عمل ތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި حق އެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ.
-
113. އަދި ހަމައެފަދައިން، عرب ބަހުންވާ قرآن އެއްކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. އަދި އެ ފޮތުގައި ތިމަންރަސްކަލާނގެ وعيد ތައް تفصيل ކޮށް بيان ކުރެއްވީމެވެ. (އެއީ) އެއުރެން ބިރުވެތިވެ، تقوى ވެރިވުމަށްޓަކައެވެ. ނުވަތަ އެއުރެންނަށް ހަނދާންކޮށްދީ، عبرة ލިބިދިނުމަށެވެ.
-
114. ފަހެ، ރަސްވަންތަ، حق ވަންތަ اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް وحى ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ قرآن ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ!
-
115. ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ آدم ގެފާނަށް وصيّة ކުރައްވައި، عهد ހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ عهد) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް عزم އަކާއި، ثابت ކަމެއް ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ.
-
116. آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ.
-
117. ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.
-
118. ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ.
-
119. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ.
-
120. ފަހެ، شيطان އާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ آدم ގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟
-
121. ފަހެ، އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ عورة، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން عورة ނިވާކުރައްވަން ފެއްޓެވިއެވެ. އަދި آدم ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ مقصد حاصل ނުވެ މަގުގެއްލުނެވެ.
-
122. ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. ފަހެ، އެކަލޭގެފާނުގެ މައްޗަށް توبة ލައްވައި ތެދުމަގު ދެއްކެވިއެވެ.
-
123. އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް عداوة ތެރިން ކަމުގައިވާ حال ގައެވެ. ފަހެ، ތިމަންރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް تبع ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.
-
124. އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ.
-
125. އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ محشر އަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ.
-
126. އެކަލާނގެ وحى ކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ آية ތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: اللَّه ގެ رحمة ން محروم ކޮށްލެވޭނެތެވެ.)
-
127. އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ވެރިރަސްކަލާނގެ آية ތަކަށް إيمان ނުވިމީހާއަށް، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.
-
128. ފަހެ، އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيان ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި، އެއުރެން ހިނގައިއުޅޭ حال ގައެވެ. ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ أهل ވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
-
129. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (އެއުރެންނަށް عذاب ލަސްކުރެއްވުމުގެ) كلمة ފުޅެއް އިސްވެގޮސްފައި ނުވާނަމަ، އަދި ކަނޑައެޅިގެންވާ މުއްދަތެއް ނުވާނަމަ (އެއުރެންނަށް ދުނިޔެމަތީގައި) عذاب ދެއްވުން لازم ވެއްޖައީހެވެ.
-
130. ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (ނޯޓު: މި آية ގައި فرض ފަސްނަމާދުގެ ވަގުތުތައް بيان ވެގެންވާ ކަމުގައި مفسّر ން ލިޔުއްވާފައިވެއެވެ.)
-
131. އަދި އެއުރެންގެ ތެރެއިން ބަޔަކަށް دنيوى حياة ގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން امتحان ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.
-
132. އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ.
-
133. އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނު ތިމަންމެންނަށް معجزة އެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، (އެއުރެން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި بيان ވެގެންވާ ހެކިތައް އެއުރެންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟
-
134. އޭގެކުރިން (އެބަހީ: قرآن ބާވައިލެއްވުމުގެ، ނުވަތަ محمد ގެފާނު ފޮނުއްވުމުގެ ކުރިން) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ން އެއުރެން ހަލާކުކުރެއްވިނަމަ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ ގާތަށް رسول އަކު ނުފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ފަހެ، އޭރުން ތިމަންމެން ދެރަވެ ހަލާކުވުމުގެ ކުރީގައި އިބަރަސްކަލާނގެ آية ތަކަށް تبع ވީމުހެވެ.
-
135. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) انتظار ކުރާ މީހެކެވެ. ފަހެ، ތިޔަބައިމީހުންވެސް انتظار ކުރާށެވެ! ފަހެ، ސީދާވެގެންވާ ތެދުމަގުގެ أهل ވެރިންނަކީ އަދި هداية ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
ޙިއްސާ
1
އަލް ފާތިޙާ
2
އަލް ބަޤަރާ
3
އާލް އިމްރާން
4
އައްނިސާ
5
އަލް މާއިދާ
6
އަލް އަންޢާމް
7
އަލް ޢަޢްރާފް
8
އަލް އަންފާލް
9
އައްތައުބާ
10
ޔޫނުސް
11
ހޫދު
12
ޔޫސުފް
13
އައް ރަޢްދް
14
އިބްރާހީމް
15
އަލް ޙިޖްރު
16
އަންނަޙްލް
17
އަލް އިސްރާ
18
އަލް ކަހްފް
19
މަރިޔަމް
20
ތާހާ
21
އަލް އަންބިޔާ
22
އަލް ޙައްޖު
23
އަލް މޫމިނޫން
24
އަންނޫރު
25
އަލް ފުރުޤާން
26
އައްޝުޢަރާ
27
އަންނަމްލް
28
އަލް ޤަޞަޞް
29
އަލް ޢަންކަބޫތު
30
އައްރޫމް
31
ލުޤްމާން
32
އައްސަޖްދަ
33
އަލް އަޙްޒާބް
34
ސަބާ
35
ފާތިރް
36
ޔާސީން
37
އަލް ޞޯއްފަ
38
ޞޯދް
39
އައްޒުމަރް
40
އަލް ޣާފިރް
41
ފުއްޞިލަތް
42
އައްޝޫރާ
43
އައްޒުޚްރޫފް
44
އައްދުކާން
45
އަލް ޖާޡިޔަ
46
އަލް އަޙްޤާފް
47
މުޙަންމަދު
48
އަލް ފަތްޙް
49
އަލް ޙުޖުރާތް
50
ޤާފް
51
އައްދާރިޔަ
52
އައްތޫރް
53
އައްނަޖްމް
54
އަލް ޤަމަރް
55
އައްރަޙްމާން
56
އަލް ވާގިޢަ
57
އަލް ޙަދީދް
58
އަލް މުޖާދިލަ
59
އަލް ޙަޝްރް
60
އަލް މުމްތަޙާނަ
61
އަލް ޞަފް
62
އަލް ޖުމްޢަ
63
އަލް މުނާފިޤޫން
64
އައްތަޣާބުން
65
އައްތަލަޤް
66
އައްތަޙްރީމް
67
އަލް މުލްކު
68
އަލް ޤަލަމް
69
އަލް ޙާއްޤަ
70
އަލް މަޢާރިޖް
71
ނޫޙް
72
އަލް ޖިންނި
73
އަލް މުޒަންމިލް
74
އަލް މުއްދަޡިރް
75
އަލް ޤިޔާމަ
76
އަލް އިންސާން
77
އަލް މުރްސަލާތް
78
އަންނަބާ
79
އަންނާޒިޢާ
80
ޢަބަސަ
81
އައްތަކްވީރް
82
އަލް އިންފިތާރް
83
އަލް މުތައްފިފީން
84
އަލް އަންޝިޤާޤް
85
އަލް ބުރޫޖް
86
އައްތޯރިޤް
87
އަލް ޢަޢްލާ
88
އަލް ޣާޝިޔަ
89
އަލް ފަޖްރް
90
އަލް ބަލަދް
91
އައްޝަމްސް
92
އައްލައިލް
93
އައްޟުޙާ
94
އަލް އިންޝިރާޙް
95
އައްތީން
96
އަލްޢަލަޤް
97
އަލްޤަދްރް
98
އަލްބައްޔިނަ
99
އައްޒަލްޒަލަ
100
އަލްޢާދިޔަ
101
އަލްޤާރިޢަ
102
އައްތަކާޡުރް
103
އަލްޢަޞްރް
104
އަލް ހުމަޒަ
105
އަލް ފީލް
106
ޤުރައިޝް
107
އަލް މާޢޫން
108
އަލް ކައުޡަރް
109
އަލް ކާފިރޫން
110
އައްނަޞްރް
111
އަލް މަސަދް
112
އަލް އިޚްލާޞް
113
އަލް ފަލަޤް
114
އައްނާސް