އަންނަމްލް - ޤުރުއާން - ހާރޫން ޔަހްޔާ އެވެ
-
1. ط س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ކީރިތި قرآن ގެ އަދި ބަޔާންވެގެންވާ ފޮތެއްގެ آية ތަކެވެ. (އެބަހީ: ބަޔާންވެގެންވާ ފޮތެއްކަމުގައިވާ قرآن ގެ آية ތަކެވެ.)
-
2. (އެއީ) مؤمن ންނަށް ތެދުމަގެކެވެ. އަދި އުފާވެރި خبر އެއްމެއެވެ.
-
3. އެއުރެންނީ ނަމާދު قائم ކޮށް، زكاة ދީ، އަދި آخرة ދުވަހާމެދު يقين ކުރާ މީހުންނެވެ.
-
4. ހަމަކަށަވަރުން، آخرة ދުވަހަށް إيمان ނުވާ މީހުންނަށް ތިމަންރަސްކަލާނގެ އެއުރެންގެ عمل ތައް ޒީނަތްތެރި ކުރެއްވީމެވެ. ފަހެ، އެއުރެންވަނީ حيران ވެ، ދެފުށުއެޅޭ حال ގައެވެ.
-
5. އެއުރެންނީ އެއުރެންނަށް ނުބައިވެގެންވާ عذاب ހުރި މީހުންނެވެ. އަދި އެއުރެންނީ آخرة ގައި ހަމައެންމެ ގެއްލެނިވެގެންވާ މީހުންނެވެ.
-
6. ހަމަކަށަވަރުން، ކަލޭގެފާނަށް قرآن އުނގަންނައިދެއްވަނީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ حضرة ންކަން ކަށަވަރެވެ.
-
7. موسى ގެފާނު އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިމަންކަލޭގެފާނު އެތަނުން خبر އަކާއިގެން ތިޔަބައިމީހުންގެ ގާތަށް ވަޑައިގަންނަވާހުށީމެވެ. ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް ހުޅުކޮޅެއް ގެންނަވާހުށީމެވެ.
-
8. ފަހެ، موسى ގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އަލިފާންގަނޑުގެ ކައިރީގައިވާ މީހަކަށާއި (އެބަހީ: موسى ގެފާނަށާއި) އަލިފާންގަނޑުގެ ވަށައިގެންވާ ބަޔަކަށް (އެބަހީ: ملائكة ންނަށް) بركات ލައްވާފައިވެއެވެ. عالم ތަކުގެ ވެރި اللَّه، ހުސްطاهر ވަންތަވެވޮޑިގެންވެއެވެ.
-
9. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ اللَّه އެވެ.
-
10. އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފަޔެއްހެން ހެލިފެލިވާތީ، ފެނިވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (ދެން وحى ކުރެއްވިއެވެ.) އޭ موسى ގެފާނެވެ! ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައި رسول ން (އެއްވެސް އެއްޗެއް ދެކެ) ބިރުފުޅެއް ނުގަންނާނެތެވެ.
-
11. އެހެނެއްކަމަކު، އަނިޔާވެރިވެ، ނުބައިކަމެއް ކުރުމަށްފަހު، އޭގެބަދަލުގައި ރަނގަޅުކަމެއްކޮށްފި މީހަކަށް، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
-
12. އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. فرعون އާއި، އޭނާގެ قوم ގެމީހުންނަށް ފޮނުއްވި ނުވަ معجزات ގެ ތެރެއިންނެވެ. ހަމަކަށަވަރުން، فاسق ބަޔަކުކަމުގައި، އެއުރެންވޫއެވެ.
-
13. ފަހެ، ތިމަންރަސްކަލާނގެ معجزات ތައް ފާޅުވެގެންވާ حال ގައި އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނެފޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
-
14. އަދި އެ آية ތައް އެއީ، ތެދުކަން އެއުރެންގެ نفس ތަކަށް يقين ވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ آية ތަކަށް އެއުރެން إنكار ކުރޫއެވެ. ފަހެ، فساد ކުރާމީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
-
15. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް علم ވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمان ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ.
-
16. އަދި داود ގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، سليمان ގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން، މިކަންތަކަކީ، ފާޅުވެ އެނގިގެންވާ فضل ވަންތަ ކަމެއްކަން ކަށަވަރެވެ.
-
17. އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން سليمان ގެފާނަށް އެކަލޭގެފާނުގެ لشكر އެއްކުރެއްވުނެވެ. ފަހެ، އެ لشكر އެތުރިގެންވެއެވެ.
-
18. (ދެން لشكر އާއިގެން) ހިނީގެ وادى އަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.
-
19. ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!
-
20. އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް هُدهُد މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيب ވެގެންވީ ހެއްޔެވެ؟
-
21. ހަމަކަށަވަރުން، (އޭތީގެ عذر އެއްގެގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ عقوبات އެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ.
-
22. ފަހެ، އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (يمن ކަރައިގެ) سبإ އިން يقين ވެގެންވާ خبر އަކާއިގެންނެވެ.
-
23. އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تخت އެއް ވެއެވެ.
-
24. އެކަމަނާއާއި، އެކަމަނާގެ قوم ގެމީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި شيطان އާ އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ.
-
25. އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّه އަށް سجدة ނުކުރުމަށް شيطان އާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ.
-
26. اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ.
-
27. އެކަލޭގެފާނު (هُدهُد އަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ.
-
28. އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ!
-
29. (ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ.
-
30. އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسم اللَّه الرّحمن الرّحيم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.)
-
31. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!
-
32. އެކަމަނާ ވިދާޅުވިއެވެ. އޭ (قوم ގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު حاضر ވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ.
-
33. އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمر އަކާމެދު ވިސްނަވާށެވެ!
-
34. އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ.
-
35. އަދި ހަމަކަށަވަރުން، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއާއިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ انتظار ކުރައްވާނަމެވެ.
-
36. ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ.
-
37. ތިޔަ ހަދިޔާއާއިގެން އެއުރެންގެ ގާތަށް އެނބުރިދާށެވެ! ފަހެ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ لشكر އަކާއިގެން އެއުރެންގެ ގާތަށް ހަމަކަށަވަރުން، އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި، އެރަށުން އެއުރެން ބޭރުކުރާހުށީމުއެވެ.
-
38. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ تخت ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟
-
39. ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ.
-
40. (ބާވައިލެއްވި) ފޮތުން علم ލިބިފައިވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.
-
41. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެކަމަނާގެ تخت ގެ ސިފަ ބަދަލުކޮށްލާށެވެ!
-
42. ފަހެ، އެކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ. ކަމަނާގެ تخت ވަނީ މިފަދައިންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ. (سليمان ގެފާނު ވިދާޅުވިއެވެ.) އެކަމަނާގެ ކުރިން ތިމަންމެންނަށްވަނީ، علم ލިބިފައެވެ. އަދި (އެކަމަނާގެ ކުރިން) ތިމަންމެން مسلم ންކަމުގައި ވީމުއެވެ.
-
43. އަދި اللَّه ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި، އެކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން، އެކަމަނާވީ، كافر قوم އެއްގެ މީހުންގެ ތެރެއިންނެވެ.
-
44. އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.
-
45. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ، އެހާރުން އެއުރެން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައޫއެވެ.
-
46. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، اللَّه އަށް دعاء ނުކުރާނޫހެއްޔެވެ؟
-
47. އެއުރެން ދެންނެވޫއެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަން ތިމަންމެންނަށް ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّه ގެ حضرة ގައެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ، امتحان ވެވޭ ބަޔެކެވެ.
-
48. އަދި އެރަށުގައި ނުވަމީހަކު އުޅުނެވެ. އެއުރެން ބިމުގައި فساد އުފައްދަމުން ގެންދެތެވެ. އަދި އެއުރެން (އެއްވެސް ކަމެއް) إصلاح އެއް ނުކުރެތެވެ.
-
49. އެއުރެން ބުނެފޫއެވެ. ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލައި، ނެތިކޮށްލުމަށް اللَّه ގަންދީ ތިޔަބައިމީހުން ހުވާކުރާށެވެ! ދެން ހަމަކަށަވަރުން، އެކަލޭގެފާނުގެ ބަލަދުވެރިޔާ ގާތުގައި ތިމަންމެން ބުނާހުށީމެވެ. (އެކަލޭގެފާނާއި) އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލިތަނެއް ތިމަންމެން ނުވެސް ދެކެމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަކީ، ތެދުވެރިންކަން ކަށަވަރެވެ.
-
50. އަދި އެއުރެން މަކަރުވެރި ރޭވުމެއް ރޭވިއެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭވުމެއް ރޭއްވެވީމެވެ. އެއުރެންނަކަށް އެކަމެއް ނޭނގެއެވެ.
-
51. ފަހެ، އެއުރެންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނާއި އެއުރެންގެ قوم ގެ އެންމެން ހަލާކުކޮށް ނެތިކޮށްލެއްވީމެވެ.
-
52. ފަހެ، އެހުރީ އެއުރެންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެއުރެންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން، އެކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
-
53. އަދި إيمان ވެ تقوى ވެރިކަންމަތީ އުޅުނުމީހުން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.
-
54. لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެދެނެތިބި حال، فاحش عمل ތައް ކުރަނީހެއްޔެވެ؟
-
55. ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى އެދުން ފުއްދުމަށްޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ جاهل ބަޔަކީމުއެވެ.
-
56. ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން لوط ގެފާނާއި، އެކަލޭގެފާނަށް تبع ވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނީ طاهر ވެ ތިބޭބަޔެކެވެ.
-
57. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. عذاب ގައި ތިބޭމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އެކަނބުލޭގެ ހިމެނުއްވީމެވެ.
-
58. އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!
-
59. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި އެކަލާނގެ خيار ކުރައްވާފައިވާ، އެކަލާނގެ އަޅުތަކުންގެ މައްޗަށް سلام ހުށްޓެވެ. ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريك ކުރާ އެއްޗެތި ހެއްޔެވެ؟
-
60. ނުވަތަ އުޑުތަކާއި، ބިން ހެއްދެވި، އަދި ތިޔަބައިމީހުންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވި ރަސްކަލާނގެ ހެއްޔެވެ؟ ފަހެ، ރީތިކަމާއި ހިތްފަސޭހަކަމުން ފުރިގެންވާ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ފެނުން ފެޅުއްވީމެވެ. އެ ބަގީޗާގެ ގަސްތައް ފެޅުވުމަކީ، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނެ ކަމެއްނޫނެވެ. اللَّه އާ އެކުގައި އެހެން إله އަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ (حق ން) އެއްކިބާވާ ބަޔެކެވެ.
-
61. ނުވަތަ قرار ވެ ތިބުމުގެ ތަނެއްކަމުގައި، ބިންލައްވައި އެތާނގައި ކޯރުތައް ލައްވައި، އަދި އެތާނގައި ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި (މީރުފެނާއި ލޮނުފެނުގެ) ދެ ކަނޑު ދެމެދުގައި ހުރަހެއް ލެއްވި ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާ އެކުގައި އެހެން إله އަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުނެއް (އެކަމެއް) ނުދަނެތެވެ.
-
62. ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفة އިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.
-
63. ނުވަތަ އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރޭގައި، ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވާ، އަދި އެކަލާނގެ رحمة (ގެ ވާރޭ) ގެ ކުރިޔަށް އުފާވެރި خبر އެއްގެ ގޮތުގައި (ވިލާގަނޑުގެ) ވައި ފޮނުއްވާ ރަސްކަލާނގެހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ އެއުރެން އެ شريك ކުރާ ތަކެއްޗަށްވުރެން اللَّه މަތިވެރިވެވޮޑިގެންވެއެވެ.
-
64. ނުވަތަ (ނެތުމުގެތެރޭން) خلق ތަކުން އަލަށް އުފައްދަވައި، ދެން އެ ތަކެތި އަލުން إعادة ކުރައްވައި، އަދި އުޑާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ތިޔަބައިމީހުންގެ دليل ތިޔަބައިމީހުން ގެނެސްބަލާށެވެ!
-
65. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ.
-
66. އަދި ކިއެއްތަ! آخرة އާ ހަމަޔަށް އެއުރެންގެ علم ފޯރީހެއްޔެވެ؟ އަދި ކިއެއްތަ! އެދުވަހާމެދުގައި އެއުރެންވަނީ شك ކަމެއްގައެވެ. އަދި ކިއެއްތަ؟ އެދުވަހާމެދު އެއުރެންވަނީ ކަނުބަޔަކު ކަމުގައެވެ.
-
67. كافر ވި މީހުން ބުނެފޫއެވެ. ތިމަންމެންނާ، ތިމަންމެންގެ ކާބަފައިން (މަރުވެ) ވެއްޔަށް ވެދާހިނދު، ހަމަކަށަވަރުން، ތިމަންމެންނީ އަލުން (ދިރުއްވައި) ނެރުއްވާނޭ ބަޔެއް ހެއްޔެވެ؟
-
68. ހަމަށަވަރުން، ތިމަންމެންނާއި، ތިމަންމެންގެ ކާބަފައިންނަށް މީގެކުރިންވެސް މިކަންތައް وعد ކުރައްވާފައިވެއެވެ. އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެއް ކަމުގައިމެނުވީ މިކަންތައް ނުވެއެވެ.
-
69. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ފަހެ، ކުށްވެރިންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
-
70. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން މަކަރުހަދާ ކަންތަކުން ހިތްޕުޅު ދަތިވުމެއްގެ ތެރޭގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!
-
71. އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
-
72. ކަލޭގެފާނު ވިދާޅުވާށެވެ! އަވަސްކުރުމަށް ތިޔަބައިމީހުން އެދޭ ބައެއްކަންތައް (އެބަހީ: عذاب) ތިޔަބައިމީހުންނާ ދާދިކައިރިވެފައިވުން އެކަށީގެންވެއެވެ.
-
73. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުންގެ މައްޗަށް فضل ވަންތަ ވެރިރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ.
-
74. އެއުރެންގެ ހިތްތަކުގައި ފޮރުވާ ކަންތަކާއި، އެއުރެން ފާޅުކުރާ ކަންތައް، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.
-
75. އަދި އުޑާއި، ބިމުގައިވިޔަސް (އެކަލާނގެއަށް) ފޮރުވިގެންވާ އެއްވެސް ކަމެއް ނުވެއެވެ. އެ ހުރިހާ ކަމެއްވަނީ، ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވައިފައެވެ.
-
76. إسرآءيل ގެދަރިން، އެކަންކަމާމެދު ދެބަސްވާ ކަންތަކުގެ ތެރެއިން ގިނަކަންތައް ހަމަކަށަވަރުން، މި قرآن، އެއުރެންނަށް ކިޔައިދީ ބަޔާންކޮށްދެއެވެ.
-
77. އަދި ހަމަކަށަވަރުން، އެ قرآن އަކީ، مؤمن ތަކުންނަށްވާ هداية އަކާއި، رحمة އެއްކަން ކަށަވަރެވެ.
-
78. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) އެއުރެންގެ މެދުގައި އެކަލާނގެ (عدل ވެރި) حكم ފުޅުން ނިޔާކުރައްވާނެތެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
-
79. ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ބަޔާންވެގެންވާ حق މަގުގައެވެ.
-
80. ހަމަކަށަވަރުން، މަރުވެފައިތިބޭ މީހުންނަށް ކަލޭގެފާނަކަށް އަޑެއް ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް، އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ.
-
81. އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާކުރައްވައި، (ތެދުމަގު ދައްކަވާ) هادى އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނީއްވެވޭނެއެވެ. ފަހެ، އެއުރެންނީ، اللَّه އަށް ކިޔަމަންވާ މީހުންނެވެ.
-
82. އެއުރެންގެ މައްޗަށް (عذاب ގެ) ބަސްފުޅު حق ވާހިނދު، ތިމަންރަސްކަލާނގެ، އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް إيمان ނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ.
-
83. ކޮންމެ أمّة އަކުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންގެ ތެރެއިން ބަޔަކު ތިމަންރަސްކަލާނގެ އެއްކުރައްވައި، محشر އަށް ފޮނުއްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެއުރެން ބައިބަޔަށް ބައިތިއްބަވަމުން ގެންދަވާނެތެވެ.
-
84. (اللَّه ގެ حضرة އަށް) އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. އެހިނދު އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އެއާބެހޭ علم އެއް ލިބިފައިނެތް حال، ތިޔަބައިމީހުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅައީ ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ކުރަމުންގެންދިޔައީ ކޮންކަމެއް ހެއްޔެވެ؟
-
85. އަދި އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ عذاب އައިސް ޖެހިއްޖެއެވެ. އެއީ އެއުރެން އަނިޔާވެރިވީ ކަމަށްޓަކައެވެ. ފަހެ، އެއުރެންނަކަށް (އެދުވަހުން) އެއްވެސް ވާހަކައެއް ނުދެއްކޭނެތެވެ.
-
86. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ރޭގަނޑު ލައްވާފައިވަނީ، އެވަގުތުގައި އެއުރެން ހަމަހިމޭންކަމާއި، އަރާމު ލިބިތިބުމަށާއި، އަދި ދުވާލު ލައްވާފައިވަނީ (މަސައްކަތްކޮށް އުޅުމަށްޓަކައި) ތަންތަން ފެންނަގޮތުގައިކަން އެއުރެން ނުދެކޭހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
-
87. ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ (އެހިނދު) اللَّه އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި އެކަލާނގެ حضرة އަށް އަންނާނެތެވެ.
-
88. އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
-
89. ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ثواب (آخرة ގައި) ހުށްޓެވެ. އަދި އެދުވަހުން އެއުރެންވަނީ، ހުރިހާ ބިރުވެރިކަމަކުން أمان ކަން ލިބިގެންނެވެ.
-
90. އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މޫނުތައް ވަތަށް، ނަރަކައަށް ވެއްޓޭހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
-
91. ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: مكة ގެ) ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއީ، އެރަށް حرمة ތެރިކުރެއްވި ރަސްކަލާނގެއެވެ. އަދި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ.
-
92. އަދި قرآن ކިޔެވުމަށްވެސް ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވެއެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި މަގުފުރެދިއްޖެމީހާ (ދަންނާށެވެ! އެކަމުގެ ނުބައިކަން އޮތްކަން ކަށަވަރީވެސް ހަމަ އޭނާއަށެވެ!) ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، إنذار ކުރައްވާ ބޭކަލުންގެ ތެރެއިންނެވެ.
-
93. އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެން އެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެނެއްނުވެތެވެ.
ޙިއްސާ
1
އަލް ފާތިޙާ
2
އަލް ބަޤަރާ
3
އާލް އިމްރާން
4
އައްނިސާ
5
އަލް މާއިދާ
6
އަލް އަންޢާމް
7
އަލް ޢަޢްރާފް
8
އަލް އަންފާލް
9
އައްތައުބާ
10
ޔޫނުސް
11
ހޫދު
12
ޔޫސުފް
13
އައް ރަޢްދް
14
އިބްރާހީމް
15
އަލް ޙިޖްރު
16
އަންނަޙްލް
17
އަލް އިސްރާ
18
އަލް ކަހްފް
19
މަރިޔަމް
20
ތާހާ
21
އަލް އަންބިޔާ
22
އަލް ޙައްޖު
23
އަލް މޫމިނޫން
24
އަންނޫރު
25
އަލް ފުރުޤާން
26
އައްޝުޢަރާ
27
އަންނަމްލް
28
އަލް ޤަޞަޞް
29
އަލް ޢަންކަބޫތު
30
އައްރޫމް
31
ލުޤްމާން
32
އައްސަޖްދަ
33
އަލް އަޙްޒާބް
34
ސަބާ
35
ފާތިރް
36
ޔާސީން
37
އަލް ޞޯއްފަ
38
ޞޯދް
39
އައްޒުމަރް
40
އަލް ޣާފިރް
41
ފުއްޞިލަތް
42
އައްޝޫރާ
43
އައްޒުޚްރޫފް
44
އައްދުކާން
45
އަލް ޖާޡިޔަ
46
އަލް އަޙްޤާފް
47
މުޙަންމަދު
48
އަލް ފަތްޙް
49
އަލް ޙުޖުރާތް
50
ޤާފް
51
އައްދާރިޔަ
52
އައްތޫރް
53
އައްނަޖްމް
54
އަލް ޤަމަރް
55
އައްރަޙްމާން
56
އަލް ވާގިޢަ
57
އަލް ޙަދީދް
58
އަލް މުޖާދިލަ
59
އަލް ޙަޝްރް
60
އަލް މުމްތަޙާނަ
61
އަލް ޞަފް
62
އަލް ޖުމްޢަ
63
އަލް މުނާފިޤޫން
64
އައްތަޣާބުން
65
އައްތަލަޤް
66
އައްތަޙްރީމް
67
އަލް މުލްކު
68
އަލް ޤަލަމް
69
އަލް ޙާއްޤަ
70
އަލް މަޢާރިޖް
71
ނޫޙް
72
އަލް ޖިންނި
73
އަލް މުޒަންމިލް
74
އަލް މުއްދަޡިރް
75
އަލް ޤިޔާމަ
76
އަލް އިންސާން
77
އަލް މުރްސަލާތް
78
އަންނަބާ
79
އަންނާޒިޢާ
80
ޢަބަސަ
81
އައްތަކްވީރް
82
އަލް އިންފިތާރް
83
އަލް މުތައްފިފީން
84
އަލް އަންޝިޤާޤް
85
އަލް ބުރޫޖް
86
އައްތޯރިޤް
87
އަލް ޢަޢްލާ
88
އަލް ޣާޝިޔަ
89
އަލް ފަޖްރް
90
އަލް ބަލަދް
91
އައްޝަމްސް
92
އައްލައިލް
93
އައްޟުޙާ
94
އަލް އިންޝިރާޙް
95
އައްތީން
96
އަލްޢަލަޤް
97
އަލްޤަދްރް
98
އަލްބައްޔިނަ
99
އައްޒަލްޒަލަ
100
އަލްޢާދިޔަ
101
އަލްޤާރިޢަ
102
އައްތަކާޡުރް
103
އަލްޢަޞްރް
104
އަލް ހުމަޒަ
105
އަލް ފީލް
106
ޤުރައިޝް
107
އަލް މާޢޫން
108
އަލް ކައުޡަރް
109
އަލް ކާފިރޫން
110
އައްނަޞްރް
111
އަލް މަސަދް
112
އަލް އިޚްލާޞް
113
އަލް ފަލަޤް
114
އައްނާސް