91. އައްޝަމްސް - ކޯރަން
- 1. އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.
- 2. އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ.
- 3. އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ.
- 4. އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
- 5. އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
- 6. އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.
- 7. އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
- 8. ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
- 9. އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
- 10. އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
- 11. ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ.
- 12. އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.
- 13. ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ!
- 14. ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ.
- 15. އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ.