95. އައްތީން - ކޯރަން
- 1. ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ.
- 2. އަދި طورسينا ގަންދެއްވަމެވެ.
- 3. އަދި أمان ކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ.
- 4. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ.
- 5. ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ.
- 6. إيمان ވެ صالح عمل ތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ.
- 7. އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު إنكار ކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟
- 8. حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟