93. އައްޟުޙާ - ކޯރަން
- 1. ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ.
- 2. އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
- 3. ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.
- 4. އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.
- 5. އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.
- 6. ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ.
- 7. އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ.
- 8. އަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.
- 9. ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!
- 10. އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!
- 11. އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!