99. އައްޒަލްޒަލަ - ކޯރަން
- 1. ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.
- 2. އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.
- 3. އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.
- 4. އެދުވަހުން އެ ބިންގަނޑު، އޭގެ خبر ތަކުގެ ވާހަކަ ދައްކާނެތެވެ.
- 5. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ.
- 6. އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ.
- 7. ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
- 8. އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.