6. އަލް އަންޢާމް - ކޯރަން
- 1. حمد ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި اللَّه އަށެވެ. ދެންވެސް كافر ވި މީހުން އެއުރެންގެ ވެރިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް شريك ކުރެތެވެ.
- 2. އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) أجل އެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެކަލާނގެ حضرة ގައި ކަނޑައަޅުއްވާފައިވާ أجل އެއް ވެއެވެ. ދެން އެއަށްފަހު (ވެސް) ތިޔަބައިމީހުން شك ކުރަމުއެވެ.
- 3. އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންވެވުން حق ވެގެން) ވާ، اللَّه އެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
- 4. އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية ތަކެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ.
- 5. ފަހެ، ހަމަކަށަވަރުން، حق ބަސްފުޅު އެއުރެންގެ ގާތަށް އައިހިނދު، އެއުރެން އެބަސް ދޮގުކުޅައެވެ. ފަހެ، އެއުރެން އެކަމަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ خبر ތައް އަދި ފަހުން އެއުރެންގެ ގާތަށް އަންނާނެތެވެ.
- 6. އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވީ ކިތައްކިތައް أمّة ގެ މީހުންކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭ އެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އަދި އެއުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން جيل އެއްގެ ބަޔަކު އުފެއްދެވީމެވެ.