2. އަލް ބަޤަރާ - ކޯރަން
- 1. ا ل م (މިއަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެމެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ سورة އަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.)
- 2. މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ.
- 3. އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
- 4. އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ.
- 5. އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ.
- 6. ހަމަކަށަވަރުން كافر ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ.
- 7. اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.